އއ.ހިމަންދޫ އަކީ، އަރި އަތޮޅު ދެބައި ކުރަށްވާ 01 މާރޗް 1984 ވަނަ އަހަރު އަރި އަތޮޅު އުތުރު ގޮފީގެ ގޮތުގައި ހަމަ ޖެއްސުމަށްފަހު 1997 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤާރާރަކުން ޤާނޫނީ ހައިސިއްޔަތު ލިބިދީފައިވާ އަތޮޅުގެ ތެރެއިން. އއ. އަތޮޅަށް ނިސްބަތްވާ ރަށެކެވެ. އއ ހިމަންދޫ އަށް ދެވިފައިވާ އިގިރޭސި އަކުރަކީ 9 Uއަދި ދިވެހި އަކުރަކީ (އއ) އެވެ. ޖޯރޤްރަފީ ގޮތުން ރަށް އުފެދިފައި އޮންނަނީ 44.663 072° N 03° 44.671’ E ޞަރަޙައްދުގައެވެ. މާލެ އާ 48 ނޮޓިކަލް މޭލް ދުރުގައި އޮންނަ މި ރަށުގެ ބޮޑިނަކީ 19.4 ހެކްޓަރއެވެ. މި ރަށު ގައި ޖުމްލަ 130 ގެ ހުންނައިރު އޭގެ ތެރެއިން މީހުން ދިރި އުޅެނީ 124 ގޭގަ އެވެ. މިރަށުގެ އާބާދީއަކީ 868 މީހުންނެވެ. 432 ފިރިހެނުންނާއި 436 އަންހެނުން ދިރިއުޅެމުން ދާ މިރަށުގެ ރައްޔިތުންނަކީ ހުނަރުވެރި މަސައްކަތްތެރިން ދިރި އުޅޭ ރަށަކަށްވާތީ ރަށް ތަރައްޤީކޮށް ކުރި އެރުވުމަށްޓަކައި އާންމުދަނީ ހޯދުމަށް ފަތުރުވެރިކަމުގެ މަސައްކަތާއި، މަސްވެރިކަން ކުރުމާއި، ދަނޑުވެރިކަން ކުރުމާއި، ތެދުއުއިވަޑާމުގެ މަސައްކަތާއި، ކޮންސްޓްރަކްޝަން މަސައްކަތް ކުރެއެވެ. އަދިވެސް މީގެ އިތުރުން ގެވެށި ތަފާތު އެތަކެއްމަސައްކަތެއް ހީވާގިކަމާއެކު ކޮށްއުޅެއެވެ.
ހިމަންދޫގެ ރައްޔިތުންނަށް ހިދުމަތްދިނުމަށްޓަކައި ސަރުކާރުގެ ބައެއް މުޙިއްމު ޙިދުމަތްދޭ މުއައްސަސާ ތައް މިރަށުގައި ޤާއިމު ކުރެވިފައިވެއެވެ. އެގޮތުން ހިމަންދޫ ޞިއްޙީ މަރުކަޒާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޚިދުމަތާއި، ގްރޭޑް 10 އަކާއި ހަމަށް ކިޔަވާދޭ ހިމަންދޫ ސްކޫލްގެ ޚިދުމަތާއި، ލުއި ފަސޭހަ ގޮތުގައި ޚިދުމަތް ދޭ ސްޓެލްކޯގެ ކަރަންޓްގެ ޚިދުމަޓް ހިމެނޭއިރު ޝަރުޢީ ނިޒާމްގެ ޚިދުމަތް ދިނުމަށް މެޖިސްޓްރޭޓް ކޯޓެއް ޤާއިމު ކުރެވިފައިވެއެވެ. އަދި މީގެ އިތުރުން ބޭސް ދޫކުރުމަށް އެސްޓީއޯ ބޭސް ފިހާރައެއް ޤާއިމް ކުރެވިފައިވެއެވެ.
ރަށުގެ ޗާޓް
ޞިއްޙީ ދާއިރާ
ހިމަންދޫގައި ޞިއްޙީ ޚިދުމަތްދިނުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންގެންދާ ދަރަޖަ 1 ގެ މަރުކަޒެއް ގާއިމްކުރެވިފައިވެއެވެ. ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްދިނުމަށްޓަކައި މެޑިކަލް އޮފިސަރަކާއި، 3 ނަރުހުންނާއި، ޕަބްލިކް ހެލްތުގެ 3 މުވައްޒަފުން ތިބެއެވެ. އާއްމުކޮށްދެވޭ ޚިދުމަތްތަކަކީ އާއްމުބަލިތަކަށް ފަރުވާދިނުމާއި، އާއްމު ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ދުޅަހެޔޮ އާދަކާދަތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކާއި، ސާމްޕަލް ފޮނުވައިގެން ޓެސްޓްހެދުމާއި، ރަށުންދެވެން ނެތް ފަރުވާތަކުގައި ސީއެމްބިއުލާންސްގެ އެހީގައި ހޮސްޕިޓަލްތަކަށް ފޮނުވައިގެން ޚިދުމަތްދިނުން ހިމެނެއެނެވެ.
ތައުލީމީ ދާއިރާ
އއ.ހިމަންދޫގައި ތަޢުލީމް ދެމުންދާ 2 ސްކޫލްހުރެއެވެ. އެއީ މިނިސްޓްރީއޮފް އެޑިއުކޭޝަންގެ ދަށުން ހިންގަމުންދާ އއ.ހިމަންދޫ ސްކޫލްއާއި، ހިމަންދޫ ކައުންސިލްގެ ފަރާތުން ހިންގަމުންދާ ހިމަންދޫ ކޮމިއުނިޓީ ޕްރީ-ސްކޫލެވެ. ހިމަންދޫ ސްކޫލްގައި ކިޔަވާދެމުންދަނީ ގްރޭޑް10 އާއިހަމައަށެވެ. މިކްސް ސްޓްރީމްއަށް ކިޔަވާއިދެމުންދާ ހިމަންދޫ ސްކޫލުގައި 242 ދަރިވަރުން ތަޢުލީމް ހާޞިލްކުރަމުންދެއެވެ. ދަރިވަރުންނަށް ތައުލީމީ ޚިދުމަތް ދިނުމަށްޓަކައި ދައުލަތުން މުސާރަދޭ 46 މުވައްޒަފުން ހިނެއެވެ. އޭގެތެރޭގައި 34 ޓްރެއިން ޓީޗަރުންނާއި، 4 ރިލީފް ޓީޗަރުންނާއި، 1 ސެންޓީޗަރ، އަދި އިދާރީ 3 މުވައްޒަފުންނާއި މަސައްކަތު 5 މުވައްޒަފުން ހިމެނެއެވެ. މީގެ މީގެތެރޭގައި ޕްރިސިޕަލްއަކާއި، 4 ލީޑިންޓީޗަރުން ހިމެނެއެނެއެވެ. ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރުން އެހެނިހެން ހުނަރުތައް ދަސްކޮށްދިނުމުގެ ގިނަގުނަ ޕްރޮގްރާމްތަކެއް ހިންގަމުންދެވެ. އަދި ދަރިވަރުންގެ ތައުލީމް ހަރުދަނާކުރުމަށް ބެލެނިވެރިންނާއި މުދައްރިއުން ހިމެނޭގޮތުގައި ޕޭރެންޓް ޓީޗަރ އެސޯސިއޭޝަނެއް ގާއިމްކުރެވިފައިވެއެވެ.
ހިމަންދޫ ކައުންސިލުން ހިންގަމުންގެންދާ ކޮމިއުނިޓީ ޕްރީސްކޫލުގައި މިވަގުތު ވަގުތީ 3 ޓީޗަރުން މަސައްކަތްކުރަމުންގެންދެއެވެ. އަދި މި ސްކޫލުން ތައުލީމް ހާސިލްކުރަމުންގެންދާ 18 ދަރިވަރުން ހިމެއެވެ. މިސްކޫލުގައި ކިޔަވާދެނީ ބޭބީ ނާސަރީއާއި، ނާސަރީއަށެވެ.
ފުލުހުންގެ ޚިދުމަތް
ހިމަންދޫގައި އަމަން ބެލެހެއްޓުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތްވަނީ ގާއިމްކުރެވިފައެވެ. މިޚިދުމަތުގައި މިވަގުތު 4 ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ކަރަންޓުގެ ޚިދުމަތް
ހިމަންދޫގައި ކަރަންޓްގެ ޚިދުމަތްދެމުން ގެންދަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޑެޓްގެ ފަރާތުންނެވެ. 24 ގަޑިއިރުގެ ޚިދުމަތްދިނުމަށްޓަކައި ހިމަންދޫ ގައި އިންޖީނުގެއަކާއި، އޮފީސް އިމާރާތެއް ގާއިމްކުރެވިފައިވެއެވެ. ކަރަންޓްގެ ޚިދުމަތްދިނުމަށްޓަކައި 9 މުވައްޒަފުން ތިބެއެވެ. މީގެ އިތުރުން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އާއިންޖީނުގޭގެ އިންޖީނު ރޫމާއި، އޮފީސް އިމާރާތެއް ހިމެނޭހެން މިހާރުދަނީ މަސައްކަތްކުރަމުންނެވެ.
ރަށުތެރޭގައި މަގުބައްތި ދިއްލުމާއި، ބަނދަރުސަރަހައްދު ދިއްލުމާއި، މަގުބައްތިތަކުގެ މަރާމާތުގެ މަސައްކަތްކުރަމުން ގެންދަނީ ހިމަންދޫ ކައުންސިލްގެ ފަރާތުންނެވެ. އަދި އޮޑިދޯނިފަހަރަށް ބަނދަރުސަރަހައްދުން ކަރަންޓްގެ ޚިދުމަތް ލިބޭނެ އިންތިޒާމްތައް ވަނީ ކައުންސިލްގެ ފަރާތުން ހަމަޖައްސާފައެވެ.
އިންފޮމޭޝަން ޓެކްނޮލޮޖީގެ ޚިދުމަތް
ހިމަންދޫގައި ދިރާގު އަދި އުރީދޫގެ ފަރާތުން ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްދެމުންގެންދެއެވެ. އަދި ފޮކްސް މޯލްޑިވްގެ ފަރާތުން މީޑިއާނެޓްގެ ޚިދުމަތްދޭއިރު އުރީދޫގެ ފަރާތުން 5 އެމް.ބީ.ޕީ.އެސް އިން ފެށިގެން 20 އެމް.ބީ.ޕީ.އެސް އާ ހަމައަށް ފާސްޓް ސުޕަނެޓް އިންޓަނެޓްގެ ޚިދުމަތް ވަނީ ރަށުގައި ގާއިމްކޮށްފައެވެ. މީގެ އިތުރުން ޒަމާނީ އައި.ސީ.ޓީ ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުމަށްޓަކައި ކޮމިއުނިޓީ އީސެންޓަރެއް ވަނީ ހިމަންދޫގައި ޤާއިމްކުރެވިފައެވެ.
ފަތުރުވެރިކަމާއި، އެހެނިހެން ވިޔަފާރީގެ ޚިދުމަތް
ހިމަންދުގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ރަޖިސްޓަރ ކުރެވިފައިވާ 4 ގެސްޓްހައުސް ހުރެއެވެ. އެގޮތުން 16 ރޫމްގައި 32 އެނދު ވަނީ ގާއިމްކުރެވިފައެވެ. މީގެ އިތުރުން ފަތުރުވެރިންނަށް ޚާއްސަ 3 ގެސްޓްޝޮޕް ވަނީ ރަށުގައި ގާއިމްކުރެވިފައެވެ. އެހެނިހެން ވިޔަފާރިތަކަށް ބަލާއިރު 4 ރެސްޓޯރެންޓާއި، ލޯކަލް ވިޔަފާރިކުރާ 7 ފިހާރަ ހުރެއެވެ.
ދަނޑުވެރިކަން
ހިމަންދޫގައި އާއްމުން ބޭނުންތަކަށް ދަނޑުވެރިކަމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ގޯތީގައިވާ ހުސްޖާގާގަޔާއި، ފަޅުގޯތިތަކުގައި ފުޅާދާއިރާއެއްގައި އެކިމޫސުންތަކުގައި ދަނޑުވެރިކަން ކުރާ ގިނައަދަދެއްގެ ފަރާތްތަކެއް ހުރެއެވެ. އަމިއްލަ ބޭނުންތަކުގެ އިތުރުން ވިޔަފާރީގެ ގޮތުގައި މާލެއާއި، އަތޮޅުގެ ރަށްތަކަށްވެސް ކަރާ، ބަރަބޯ، މިރުސް އަދި ކޮޕީފަތްފަދަ ތަކެތި ދަނީ ވިއްކަމުންނެވެ.
މަސްވެރިކަމުގެ ޚިދުމަތް
ހިމަންދޫގައި ބޮޑުކަންނެލީގެ މަސައްވެރިކަންކުރާ 2 ދޯނިހުރެއެވެ. އަދި ފަރުމަސްވެރިކަންކުރާ 3 ދޯންޏާއި، 43 ޑިންގީ އޮވެއެވެ. އާއްމުގޮތެއް ރިޒޯޓްތަކާއި، މާލެއާއި، މަސްފެކްޓްރީތަކުގެ އިތުރުން ކައިރިރަށްތަކަށްވެސް މަސްވިއްކުމުގެ މަސައްކަތް ހިމަންދޫގެ މަސްވެރިން ދަނީ ކުރަމުންނެވެ.
ދަތުރުފަތުރުކުރުމުގެ ޚިދުމަތް
އަރިއަތޮޅުގެ ރަށްތަކަށް ދަތުރުކުރުމަށްޓަކައި އުތުރުބުރިއާއި، ދެކުނުބުރި ގުޅާލައި އެމް.ޓީ.ސީސީ ގެ ފަރާތުން ވަނީ ފެރީ ނިޒާމެއް ޤާއިމްކޮށްފައެވެ. މީގެ އިތުރުން މާލެދަތުރުކުރާ ލޯންޗުފެރީގެ ޚިދުމަތް ދެމުންގެންދެއެވެ. އަދި ވިޔަފާރިމުދާ އުފުލާ މާލެދަތުރުކުރާ ދޯންޏެއް ހިމަންދޫގައި އޮވެއެވެ.
ފެނާއި ނަރުދަމާގެ ޚިދުމަތް
ހިމަންދޫގައި އާއްމު ފަރާތްތަކުން އެކިބައިތަކަށް ބަހާލައިގެން ނަރުދަމާގެ ޚިދުމަތް ދެމުންގެންދެއެވެ. އަދި ވާރޭފެން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކައުންސިލްގެ އިދާރާގަޔާއި، މިސްކިތުގޯތިތެރޭގައި ވާރޭފެން ތާނގީތައް ގާއިމްކުރެވިފައިވެއެވެ. މިތާނގީތަކުގައި 35000 ލީޓަރު ފެން ރައްކާކުރެވެއެވެ. އަދި މިތާނގިތައް ހުސްވާ ވަގުތުތަކުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރުގެ ފަރާތުން ސާފުބޯފެން ފޯރުކޮށްދެއެވެ.
ސަރުކާރުގެ ފަރާތުން ހިމަންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކުރުމަށްޓަކައި އެމް.ޑަބްލިއު.އެސް.އީ އާއި ހަވާލުކުރެވި އަމަލީ މަސައްކަތްދަނީ ކުރެވެމުންނެވެ. މީގެ އިތުރުން ވާރޭފެން ރައްކާތެރިގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިޔަށްގެންދާ 50 ރަށުގެ ވާރޭފެން ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓް (ރެއިންވޯޓަރ ހާވެސްޓިން ޕްރޮޖެކްޓް) ގެ ދަށުން ހިމަންދޫގައި ވާރޭފެން ޕްލާންޓްކުރެވޭނި ނިޒާމެއް ގާއިމްކޮށް ވަނީ ނިމުމާހަމައަށް އައިސްވެފައެވެ.
ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ދާއިރާ
ހިމަންދޫ ރައްޔިތުން އާއްމުކޮށް ކުޅޭ ކުރިވަރުތަކުގެ ތެރޭގައި ފުޓްބޯޅައާއި، ވޮލީއާއި ބަށިބޯޅަ ހިމެއެނެ. އަދި މުނިފޫހިފިލުވުމަށްޓަކައި އީދުކުޅިވަރު ކުޅެއުޅެއެވެ. އަދި ކަސްރަތުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އައުޓްޑޯ ޖިމެއް ގާއިމްކުރެވިފައިވާއިރު އަދި ސަރުކާރުގެ ފަރާތުން ޒަމާނީ ފެންވަރަށް ހަދަމުންދާ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މީގެ އިތުރުން ހިމަންދޫ ކައުންސިލުން ހަދަމުންގެންދާ ފުޓްސެލްދަނޑުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.