އާއްމު ޞިއްޙަތު ރައްކާތެރިކުރުމާ ގުޅޭ ދިރާސާއެއް ހިމަންދޫ ޞިއްޙީ މަރުކަޒުން ފަށައިފި

ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު އަލަށް ބައްޓަން ކުރެވުނު ޒަމާނުގައި، އެންމެ ބޮޑު އިސްކަމެއް ދެވުނީ ޕްރައިމަރީ ހެލްތުކެއަރ މެދުވެރިކޮށް ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. ނަމަވެސް، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި، ދުނިޔޭގެ ޞިއްޙީ އޮނިގަނޑަށް އައި ބަދަލުތަކާއި، ލިބުނު ކުރިއެރުންތަކާއި، ކެއުންބުއިމުގެ އާދަކާދަތައް ބަދަލުވުމާއި، ދިވެހި ރައްޔިތުންގެ އެކްސްޕެކްޓޭޝަންސް ބަދަލުވުމާއެކު، އަގުބޮޑު ފަރުވާތަކާއި، ޑޮކްޓަރީ ބޭސްތަކަށް ގިނަބަޔަކު ދަނީ ބަރޯސާވަމުންނެވެ. ގިނަބަޔަކަށް އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް ދުރާލާ މަސައްކަތްކުރުމުގެ ބަދަލުގައި ބައްޔެއް ޖެހުމުން އެކަމަށް ފަރުވާކުރަން ތިބެވޭތަން ދަނީ ފެންނަމުންނެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް ހެލްތު މިނިސްޓްރީ އިން ކުރިޔަށްގެންދާ އާއްމުޞިއްޙަތު ދެނެގަތުމާގުޅޭ ދިރާސާއެއް ރާއްޖޭގެ ތަފާތު ކަންކޮޅުތަކުގައި ދަނީ ކުރިޔަށްގެންދަމުންނެވެ.

ހިމަންދޫގައި 1000 އިން ދަށުގެ އާބާދީއެއް އޮންނަ ރަށަކަށްވާތީ ހިމަންދޫގައިވެސް މިދިރާސާ ދަނީ ކުރެވެމުންނެވެ. އެގޮތުން ޞިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓުން ހާމަކުރައްބާގޮތުގައި ހިމަންދޫ އަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާ ލޭމައްޗަށްދިއުން، ހަކުރުބަލި، ހިތުގެބަލި، ސަރުބީމަތިވުން އަދި ތައިރޯޑްބަލި ގިނައަދަދަކަށް ފާހަގަކުރެވޭ ރަށެކެވެ. އެހެންކަމުން މުޅިރަށުގެ ހާލަތު ދެނެގަނެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަޖެހޭ ބަދަލުތައް ޢިލްމީ ހޯދުންތަކުގެ އެހީގައި މިދިރާސާއަށްފަހު ކަނޑައެޅިގެންދާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *