ކޮވިޑްބަލީގައި ފައްސިވާ ފަރާތްތައް އިތުރުވަމުން ދިޔުން.

    ކޮވިޑް ބައްޔާގުޅިގެން ފައްސިވާ އަދަދު ހިމަންދޫގައިދަނީ އާދަޔާހިލާފަށް ބާރުސްޕީޑެއްގައި އިތުރުވަމުންނެވެ. މިއަދާހަމަޔަށް ޖުމްލަ 100 މީހުން ފައްސިވެފައިވާއިރު ރަށުގެ ގިނައަދަދެއްގެ ރައްޔިތުންވަނީ ޑައިރެކްޓް ކޮންޓެކްޓްވެ ގޭގައި މަޑުކުރަންޖެހިފައެވެ. މިހާލަތުގައި ރަށްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމުގެތެރެއިން ފައްސިވެފައިވާ ގެތަކުގެކުނި އަދި ޑަސްޓްބިން އުކާލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ޓާސްކްފޯސްގެ ފަރާތުންނެވެ. ފިހާރަތުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު އާންމު ރައްޔިތުން އަދި ފައްސިވެފައިވާ މީހުންނަށްބޭނުންވާ ކާނާގެބާވަތްތަކާއި އެހެނިހެން ތަކެތި ޑެލިވަރީ ކުރުމުގައި ޓާސްކްފޯސްގެ ފަރާތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

     އެކަށީގެންވާ ރަނގަޅުފަރުވާ ރަށުން ދެވެންނެތުމުން ހުޅުމާލެ ފެސިލިޓީއަށް އުމުރުންދުވަސްވީ މީހަކު މިހާރުވަނީ ބަދަލުކުރެވިފައެވެ. މިހާލަތުގައި ކައުންސިލުން ރައްޔިތުންނަށް ކުރާ އިލްތިމާސްއަކީ ކޮންމެހެން ބޭރަށް ނިކުންނަންޖެހިއްޖެ ހާލަތެއްގައިމެނުވީ ބޭރަށް ނުނިކުތުމަށާއި، ކޮންމެހެން ބޭރަށްނިކުމެ އުޅެންޖެހޭފަދަ ޒަރޫރީ ބެނުމެއްޖެހިގެން ބޭރަށް ނިކުންނަ ފަރާތްތަކުން މާސްކް އެޅުއްވުމަށާއި، ގާތްދުރުކަން އިސްކުރުމަށާއި، ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވުމަށާއި، އަދި މިނޫންވެސް ރައްކާތެރިކަމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށެވެ. އަދި މިސްކިތަށް ނަމާދަށް ދުރުވާ ފަރާތްތަކުންވެސް މާސްކް އެޅުމަކީ ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ކޮންމެހެންކުރަންޖެހޭ ކަމެއްކަމުގައި ދަންނަވަމެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި ސިއްހީމަރުކަޒާއި، ކައުންސިލް އަދި ޓާސްކް ފޯސްގެ ފަރާތުން ދެއްވާ އިރުޝާދުތަކާއި އެންގުންތަކަށް ރައްޔިތުންގެފަރާތުން އެއްބާރުލުންދީ މި ނާޒުކް ހާލަތުން އާންމު ހާލަތަށް ދިޔުމަށް މަސައްކަތް ކޮށްދިނުމަކީ ރައްޔިތުންގެ ކިބައިން އެދޭ ވަރަށްބޮޑު އެދުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *