ހިމަންދޫ އ.ތ.މ ކޮމެޓީގެ ފަރާތުން ކުރިއަށްގެންދިޔަ ފަހާކޯސް ނިންމާލައިފި

     ހިމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން ހިމަންދޫ ސްކޫލާއި ގުޅިގެން މިދިޔަ ޖޫން 26 އިން ޖުލައި 10 އަށް ހިންގި ފަހާކޯސް 49 ބައިވެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިފަހާ ކޯހަކީ ލާމަރުކަޒީ ޤާނޫނު 7-56 ވަނަ މާއްދާގެ (ހ) ގެ 7 ގައި ވާފަދައިން އަންހެނުން ބާރުވެރިކޮށް، އަބުރުވެރި ދިރިއުޅުމެއް ހޯދައިދީ، އަމިއްލަ މަސައްކަތުން ފުދުންތެރި ބަޔަކަށް ހެދުމުގެ އަމާޒުހިފައިގެން ކުރިޔަށްގެންދެވުނު ކޯހެކެވެ. މިހިނގާ 2021 ވަނަ އަހަރު އައު ކައުންސިލްތައް އިންތިޚާބުވި ފަހުން މުޅިއަތޮޅުގައިވެސް އަންހެނުންނަށް އަމާޒުކޮށް ކުރިޔަށް މިގެންދެވުނު އެއްމެ ބޮޑު ހަރަކާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 16 ޖުލައި 2021 ވީ ހުކުރު ދުވަހުގެ ރޭގަނޑު 8:30 ގައި ހިމަންދޫ ސްކޫލުގައެވެ. ހިމަންދޫ ސްކޫލްގައި ކުރިއަށް ގެންދެވުނު މިކުލަގަދަ ރަސްމިއްޔާތުގެ ހުރިހާކަމެއް އިންތިޒާމްކޮށް ކުރިއަށް ގެންދިޔައީ ކަންބަލުންގެ ބެލުމުގެ ދަށުންކަން ފާހަގަކޮށްލަމެވެ.

     މި ރަސްމިއްޔާތު ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވާދެއްވީ ކޮމެޓީގެ މެންބަރު ޠާޤާ އިބްރާހީމްއެވެ. އަދި މިރަސްމިއްޔާތުގެ އެޖެންޑާ ހުށަހަޅާދީފައިވަނީ ކޮމެޓީގެ މެންބަރު ދިޔާނާ ބިލާލުއެވެ. ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ކޮމެޓީގެ މެންބަރު ޤުރައިޝާ އިބްރާހީމް އަދި ކޮމެޓީގެ މެންބަރު ފާޠިމަތު ފަޒީލާ ފާރޫޤްއެވެ. މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ހިމަންދޫ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ޒީނިޔާ އަޙްމަދުއެވެ. ޖުމްލަ 15 ދުވަހުގެ މުއްދަތަށް ހިންގުނު މި ކޯހުގައި ފެސިލިޓޭޓަރުންގެ ގޮތުގައި ކިޔަވައި ދެއްވާފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ. އަދި މި ރަސްމިއްޔާތުގައި އެންމެބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ މިރަސްމިއްޔާތުގައި ބައިވެރިވި ކޯހުގެ ބައިވެރިން ބޭނުންކޮށްފައިވަނީ ކޯހުގެ މުއްދަތުގެ ތެރެއިން ބައިވެރިން އަމިއްލައަށް ފަހާފައިވާ ހެދުންކަމަށްވުމެވެ.

Leave a Reply

Your email address will not be published. Required fields are marked *